

ނަބީލް އިބްރާހިމް
ޝާއިޢު ކުރީ: 19/12/2019
President Ibrahim Mohamed Solih L. Hithadhoo Hithadhoo Health center Non-communicable diseaseސިއްޙީ ގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގައިން ގައަށް ނާރާ ބަލިތައް ދިވެހިންގެ މެދުގައި ގިނަވުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ހައްދުންމަތީ ހިތަދޫ ސިއްޙީމަރުކަޒުގެ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ ދިވެހިން މިހާރު އެންމެ ގިނައިން މަރުވަނީ ގައިން ގައަށް ނާރާ ބަލިތައް ކަމުގައިވާ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކް އާއި ފުއްޕާމޭގެ ބަލިތަކާއި ކިޑްނީ އާއި ގުޅުން ހުރި ބަލިތަކުންކަމަށެވެ.
މީގެ އިތުރުން، މިބަލިތައް ޖެހެން މެދުވެރިވަނީ ދިރިއުޅުމުގެ އާދައާއި ދިރިއުޅުމުގެ ނުރަނގަޅު ވައްޓަފާޅީގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސިނގިރޭޓު ބުއިމާއި، ދުންފަތް ބޭނުން ކުރުން، ގިނައިން ހަކުރު ހިމެނޭ ބުއިންތައް ބޭނުން ކުރުން، ޖަންކް ފުޑް ކެއުން އަދި ދުފުމާއި ސުޕާރީ ފާހަގަކުރެއްވިއެވެ.
ލ. ހިތަދޫ ސްކޫލުގައި ބޭއްވި މިރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވަނީ ސިއްޙީ އެހީތެރިންނާއި އާއްމު ސިއްހަތުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާފައެވެ.
"ފަސޭހެ ކަމާއެކު ގައިން ގައަށް އަރާ ބަލިތައް، މެލޭރިއާ، ފައިލޭރިއާ، ޕޯލިއޯ، ޓެޓަނަސް އަދި ހިމަބިހި ފަދަ ބަލިތައް ރާއްޖެއިން ނައްތާލެވުނީ އާއްމު ސިއްހަތާއި މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ސިއްޙީ އެހީތެރިން މެދުވެރިކޮށް މުޅި ރާއްޖޭގައި ހިންގި ހަރަކާތްތަކުން."
ރައީސް ސާލިހް ވިދާޅުވިގޮތުގައި މުޖުތަމައުގައި އިތުރަށް ބޭނުންވަނީ ހޭލުންތެރިކަމާއި އާއްމު ސިއްހަތުގެ ނިޒާމް ވަރުގަދަކުރުމެވެ.
މިސަރުކާރުން ވިސްނާފައިވަނީ ޖުމްލަ ގޮތެއްގައި ސިއްޙީ ހިދުމަތްތައް ދޭނެ ގޮތްތަކާއި މެދުކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 5 ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލް ގާއިމް ކުރުމުގެ ސަބަބުން އެމް.އާރް.އައީ، ސީޓީ ސްކޭން، އެކްސް-ރޭ ގެ ހިދުމަތްތަކުގެ އިތުރުން ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ރައްޔިތުންނަށް ފަސޭހައިން ލިބިގެންދާނެއެވެ.
މި ހަފްލާގައި ރައީސް ސާލިހްގެ އިތުރުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އަދި ދައުލަތުގެ ވަޒީރުންވެސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)