
މ. ދިއްގަރު ކައުންސިލާއި ހެލްތް ސެންޓަރު ގުޅިގެން ރަށް ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި އެވެ.
މި ހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވާ ބުދަ ދުވަހުގެ ހަވީރު 3:45 ގައި ކަމަށެވެ. އަދި މި ހަރަކާތުގައި ރަށުގައި ހިމެނޭ ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ސްކޫލް ކުދިންގެ އިތުރުން، ރަށުގެ އާއްމު ރައްޔިތުންވެސް ބައިވެރިވާނޭ ކަމަށްވެސް ނިޝާން ވަނީ ވިދާޅުވެފަ އެވެ.
ދިއްގަރު ސާފު ކުރުމަށް ހިންގަން ހަމަޖެހިފައި މިވާ ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކުރިއަށް ސްކޫލް ބަންދު ފެށެންވާއިރަށް، ދިއްގަރަކީ ސާފު މާހައުލަކަށް ހެދުން ކަމަށް ވެސް ނިޝާން ވަނި ވިދާޅުވެފަ އެވެ.
މީގެއިތުރުން ފާއިތުވެދިޔަ ދުވަސްތަކާއި މިހާރުވެސް ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ދިއްގަރުގައި ޑެންގީ ކޮންމެވެސް ވަރަކަށް ފެތުރެމުންދާކަމަށް ނިޝާން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ފާއިތުވި މަހުގައި އެކަނިވެސް ދިއްގަރު ސިއްހީ މަރުކަޒަށް ޑެންގީ ޖެހިގެން 10 ކުއްޖަކު ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ނިޝާން ވަނީ ވިދާޅުވެފަ އެވެ.
އަންނަ ބުދަ ދުވަހު ދިއްގަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާފުކުރުމުގެ ޕްރޮގްރާމްގެ ޝިއާރަކީ "ހިތްފަސޭހަ މާހައުލަކަށް – ސާފު ދިއްގަރު" އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)