
އެންމެގެ ދިރިއުޅުމަކީވެސް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމަކަށް ނުވެދާނެ އެވެ. އެންމެ ތަނަވަސްމީހާވެސް ދުނިޔެމަތީގައި ދިރިއުޅޭ ވިސްނާ ފިކުރުކުރާނޭ ކިތަންމެ ކަމެއް ހުންނާނެއެވެ. މިފަދަ ކަންކަމާއި މާބޮޑަށް ވިސްނާ އަމިއްލަ ނަފްސަށް ދެވޭ ސަމާލުކަން ކުޑަވެ ސްޓްރެސް ވާގޮތް ދިމާވާން ފަށައެވެ.
ސްޓްރެސް އަކީ ދިރިއުޅުމުގައި ދިމާވާ ހާދިސާއެއްގެ ސަބަބުން ހަށިގަނޑު ވަކި ކަމަކަށް ޑިމާންޑް ކުރުމަށް ކިޔާނަމެކެވެ. ސްޓްރެސް ވަނީ ހަމައެކަނި ހިތާމަވެރި ކަމެއްގެ ސަބަބުންނެއް ނޫނެވެ. އެއާހިލާފަށް އުފާވެރިކަމެއްގެ ސަބަބުންވެސް ސްޓްރެސް ވެދާނެ އެވެ.
ސްޓްރެސްވާން ދިމާވާފަދަ ކަމެއް މީހަކަށް ދިމާވުމުން ހަށިގަނޑު އެކަމަށް ރިއެކްޓު ކުރަންފަށައެވެ. ސްޓްރެސް އަކީ އޭގެ ސަބަބުން އިންސާނާގެ ސިކުޑިއަށްވެސް އަދި ހަށިގަނޑަށްވެސް ބޮޑެތި އަސަރުކޮއްފާނެ ކަމެކެވެ.
ސްޓްރެސްގެ ވައްތަރުތައް:-
1. އަމިއްލައަށް ހައްލުކުރެވިދާނެ ސްޓްރެސް
މިކަހަލަ ސްޓްރެސް އާއްމުކޮށް ދިމާވަނީ ކަމަކާ ހިތްހަމަ ނުޖެހި ރުޅިއައުމުން ނުވަތަ އެފަދަ އެކްސިޑެއްޓެއް ދިމާވުމުންނެވެ. މި ސްޓްރެސް އަމިއްލަޔަށް ހައްލު ކުރެވިދާނެއެވެ. އެގޮތުން އަމިއްލައަށް މިފަދަ ސްޓްރެސް ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ވަރަށްވެސް ގިނައެވެ. އޭގެތެރޭގައި:
- ކަސްރަތުވެސް ކުރުން (ކަސްރަތަކީ އިންސާނާ ލޭދައުރުކުރާ ނިޒާމަށާއި އަދި އިންސާނާގެ ސިކުޑިއަށް ވަރަށް ފައިދާ ހުރިކަމަކެވެ.)
- މަޝްވަރާކުރުމާއި ހިޔާލު ފާޅުކުރުން (މަސައްކަތުގެ ދާއިރާގަވެސް އަދި އާއިލާ ތެރޭގައިވެސް ކަންތަކާ މަޝްވަރާކޮށް ހިތުތެރޭގައި ފޮރުވާފައި އެއްޗެއް ނުބާއްވާ ކޮންމެވެސް މީހަކާ މަޝްވަރާކުރުން މުހިއްމެވެ.)
- ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ރަގަޅު ކާނާ ބޭނުން ކުރުން
- ވަގުތުގެ ބޭނުން ރަގަޅު ގޮތުގައި ބޭނުން ކުރުން
2. ހަށިގަނޑުތެރޭ ސްޓްރެސް
މިކަހަލަ ސްޓްރެސް އަކީ ތިމާއަށް ނޭގިނަމަވެސް ކޮންމެވެސް ކަންތައްތަކާ ވިސްނާ ކަންބޮޑުވެ ގޮތް ހުސްވުމެވެ. މިކަހަލަ ސްޓްރެސް އަކީ ވަރަށް ނުރައްކާތެރި ސްޓްރެސް އެކެވެ. ސަބަބަކީ އިންސާނާގެ ޒަމީރު މިކަމަށް ބާރު ފޯރުވާތީއެވެ.
ބައެއްމީހުން ހީކުރާ ގޮތުގައި ސިގިރެޓާ، ޑްރަގާއި އަދިވެސް އެހެނިހެން އެފަދަ ހަށިގަނޑަށް ގެއްލުންދޭ އެއްޗެތިން ސްޓްރެސް ފިލުވުމަށް އެހީތެރިވެދެއެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އެފަދަ އެއްޗިއްސަކީ މިކަމަށް އެއްވެސް ފައިދާ ކުރާ އެއްޗެއް ނޫނެވެ.
3. އެންވައަރމެންޓަލް ސްޓްރެސް
މިއީ ތިމާ ދިރިއުޅޭ މާހައުލުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. މިސާލަކަށް މާ އަޑުގަދަވެގެން ނޫންނަމަ މީހުން ގިނަވެގެންނެވެ.

ސްޓްރެސްވަނީ ކީއްވެ؟
އާންމުކޮށް ސްޓެރެސް ވާންޖެހޭ ސަބަބުތަކަށް ބަލާލާއިރު ސްޓްރެސް ކުރިމަތި ވަނީ ކޮންމެވެސް ކަންތަކާ ހިތްދަތިވެ ހިތާމަ ކުރިމަތިވެގެން ( މިސާލަކަށް ގާތް މީހަކު މަރުވުން)، އާއިލީ މައްސަލަތައް ކުރިމަތިވުން، ފައިސާގެ މައްސަލަތައް، ވަޒީފާގެ މާހައުލުގެ މައްސަލަތައް، ވަގުތުގެ ބޭނުން އެދެވޭ ގޮތުގައި ބޭނުން ނުކުރުމުގެ ސަބަބުން އަދި ބަލިވުމުގެ ސަބަބުންނެވެ.
އޭގެއިތުރުން ދިރިއުޅުމުގައި އިންސާނާއަށް ދިމާވާ ކަންތަކަށް ހަދާނެ ގޮތް ހުސްވުމުން ނުވަތަ ސިކުޑީގައި އެފަދަ ކަންތަކާ ހެދި ޕްރެޝަރ އުފެދުމުން ސްޓްރެސް ކުރިމަތިވެއެވެ.
ސްޓްރެސް ވުމުން ފެންނާނީ ކޮން އަލާމާތްތަކެއް؟
ސްޓްރެސްވާން ފަށައިފިނަމަ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން އޭގެ އަލާމާތްތައް ފެންނަން ފަށާނެއެވެ. މިފަދަ އަލާމާތްތަކުގެ ތެރޭގެ އިންސާނާގެ ތަބީއަތަށް އަންނަ ބަދަލުތަކާއި އަދި ހަށިގަނޑަށް އަންނަ ބަދަލުތައް ހިމެނެ އެވެ.
ހަށިގަނޑުން ފެންނާނޭ އަލާމާތްތައް:
- ލޭގެ ޕްރެޝަރ މައްޗަށް ދިޔުން
- ނޭވާ އަވަސްވުން
- ހިތުގެ ވިންދު އަވަސްވުން
- ގޮހޮރުގެ ނިޒާމު ދަށްވުން
- ވިސްނުމުގެ ނިޒާމު ދަށްވުން
- ދާހިތްލުން
- ބުރަކަށިގައި ރިއްސުން
- މޭގައި ރިއްސުން އަދި މި ނޫނަސް އިތުރު އަލާމާތްތައް ހިމެނެއެވެ.

ސްޓްރެސްގެ ސަބަބުން އިންސާނާގެ ތަބީއަތަށް އަންނާނެ ބަދަލުތައް:
- ރަނގަޅަށް ނުނިދުން
- ތިމާގެ ރައްކާތެރިކަމެއް ނެތްކަމަށް ހީކުރުން
- ހަށިގަނޑަށް އުދަގޫވުން ފަރުވާ ކުޑަވުން
- މާގިނައިން ކެއުން ނޫންނަމަ މާމަދުން ކެއުން
- އަވަހަށް ރުޅިއައުން (ސިނގު ރުޅި)
- ދެރަވެ ރޮއި ހެދުން
- މީހުންނާ ގުޅުން ކުޑަވެ ދުރުދުރު އުޅުން
- ދުންފަތުގެ އިސްތިއުމާލުކުރުން
- ޑްރަގް ބޭނުން ކުރުން
ސްޓްރެސް އާއި ކުރިމަތިލާނީ ކިހިނެތް؟
ސްޓްރެސް އަކީ އަމިއްލަޔަށްވެސް ރަގަޅުކުރެވިދާނެ ކަމެކެވެ. އަދި ބޮޑުވަރުވެއްޖެ ނަމަ ބޭސް ބޭނުން ކޮއްގެންވެސް ރަގަޅުކުރެވޭނެ ކަމަކެވެ.
ސްޓްރެސް ކޮންޓްރޯލް އަމިއްލަޔަށް ނުވާނަމަ އަދި އެކަންތައް ދެމިގެން ދާނަމަ ޑޮކްޓްރެއްގެ ލަފާ ހޯދުން މުހިއްމެއެވެ. ނަމަވެސް އާއްމުކޮށް މިކަމަށް ޑޮކުޓަރުން ބޭސްނުދެއްވައެވެ. އެކަމަކުވެސް ސްޓެރެސްގެ ސަބަބުން ދިމާވާ އެހެނިހެން ބޮޑެތި ކަންތައްތަކަށް ބޭސްދެއްވާނެއެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)