
ކާރޑިއެކް އެރެސްޓެއް (ހިތުގެ ވިންދު ހުއްޓުން) ކުރިމަތިވެއްޖެނަމަ ހިތަށް ލޭ ފޮނުވައިދިނުން ވަގުތުން ހުއްޓެއެވެ. އަދި ހަތަރު މިނެޓު ތެރޭގައި ސކުނޑިއަށް އޮކްސިޖަން ނުލިބިއްޖެނަމަ ސިކުނޑިއަށް ދާއިމީ ގެއްލުމެއް ލިބުމަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ހަމައެހެންމެ 4-6 މިނެޓުގެ ތެރޭގައި ފުރާނައަށް ގެއްލުމުގެ ފުރުސަތުވެސް އޮވެއެވެ.
އެހެންކަމަށްވާނަމަ ކާރޑިއެކް އެރެސްޓެއް ކުރިމަތިވާ މީހަކަށް ކޮންމެ މިނިޓަކީވެސް އަގުހުރި އެއްޗެކެވެ. އަދި ކޮންމެ މީހަކަށްވެސް އެވަގުތު ވަމުންދާގޮތް ރަނގަޅަށް ދެނެގަނެވިއްޖަނަމަ، ވަގުތުން ވަގުތަށް ކުއްލި ފަރުވާދެވި، ފުރާނައެއް ސަލާމަތްކުރެވިދާނެ އެވެ.
ކާރޑިއެކް އެރެސްޓެއް ކުރިމަތިވުމާއި، ހާޓް އެޓޭކެއް ޖެހުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. ހާޓް އެޓޭކެއް ޖެހުމަކީ އިންސާނާގެ ހިތަށް ލޭ ފޮނުވައިދޭ ކޮރޮނަރީ އާރޓެރީސް ބެދުމުން ކުރިމަތިވާ ކަމެކެވެ.
އަދި ކާރޑިއެކް އެރެސްޓަކީ ހިތުގެ ވިންދު ހުއްޓި ނޭވާލުމަށް އަންނަ ބަދަލަށް ކިޔާ ނަމެކެވެ. ކާރޑިއެކް އެރެސްޓެއް ކުރިމަތިވެއްޖެނަމަ އެމީހެއް ހިތުގެ ވިންދާއެކު ނޭވާލުންވެސް ހުއްޓެއެވެ. އަދި އެވަގުތު އެމީހާގެ ކައިރީގައި ތިބި މީހުން ކާރޑިއެކް އެރެސްޓް ދިމާވާ މީހާއަށް ސީޕީއާރް (ކާރޑިއެކްޕަލްމޮނަރީ ރަސަސަޓޭޝަން) ދޭން ފަށަންވާނެ އެވެ.
ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ބޮޑުވުން
ކައިރީގައި ހުރި މީހަކަށް ކާރިޑިއެކް އެރެސްޓެއް ޖެހިއްޖެނަމަ އެންމެ ފުރަތަމަ ކަމަކަށްވާނީ އެމަރޖެންސީ ހާލަތުގައި އެހީވެދޭނެ ފަރާތަކަށް އެންގުމެވެ. އެއީ އެންމެ ކައިރި ހޮސްޕިޓަލެއް ވިނަމަވެސް ރަނގަޅެވެ.
އެމަރޖެންސީ އެހީދޭ ފަރާތްތަކަށް އެނގުމަށްފަހުގައި ދެން ކުރަންވީ ކަމަކީ ކާރިޑިއެކް އެރެސްޓް ޖެހިފައިވާ މީހާއަށް "ޗެސްޓް ކޮމްޕްރެޝަން" ދިނުމަށެވެ. އެގޮތުން އެމީހާ ގާތުގައި ދެކަކޫ ޖަހައި އިށީނުމަށްފަހު އެއް އަތްމައްޗަށް އަނެއް އަތް ލުމަށްފަހު އުޅަނބޮށި ލޮކް ކޮށްލާށެވެ. އެއަށްފަހު އެމީހާގެ މޭގެ މެދަށް އަމާޒުކޮށް މިނިޓަކު 100 ނުވަތަ 120 ފަހަރު ބާރަށް ފިތަމުން ދާށެވެ.
ސިއްހީ ފަރުވާދޭ މީހުން ކާރިޑިއެކް އެރެސްޓް ޖެހިފައިވާ މީހާ ކައިރިއަށް އަންނަންދެން ހުއްޓާނުލައި ސީޕީއާރް ދިނުން މުހިންމެވެ.
ސީޕީއާރްގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު އޮވެއެވެ. އަތުން ދޭ ސީޕީއާރުގެ ސަބަބުން ހަށިގަނޑަށް ލޭ ފޮނުވައިދީ ސިކުނޑިއަށް އޮކްސިޖަން ފޮނުވުމަށް އެހީތެރިވެދެއެވެ.
އަދި ކާރޑިއެކް އެރެސްޓެއް ދިމާވުމަށްފަހު ފަރުވާނުދެވި ހޭދަވާ ކޮންމެ 60 ސިކުންތަކުން އެމީހެއް ފުރާނަ ގެއްލުމުގެ ފުރުސަތު 10 އިންސައްތައަށް އިތުރުވެއެވެ. އަދި ސީޕީއާރް ނުދީ 12 މިނެޓް ހޭދަވެއްޖެނަމަ އެމީހެއްގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދު ވަރަށްވެސް ކުޑަ ކަމަށް ފިޒިޝަނެއް ކަމަށްވަ ޑރ. ޕެޓްރިކް ޝިއާ ވަނީ ބުނެފަ އެވެ.

ތައްޔާރަށް ތިބޭ!
އައުޓް އޮފް ހޮސްޕިޓަލް ކާރޑިއެކް އެރެސްޓް (އޯއެޗްސީއޭ) އަކީ ހޮސްޕިޓަލުން ބޭރުގައި ޖެހޭ ކާރޑިއެކް އެރެސްޓަށް ދީފައިވާ ނަމެވެ. މިފަދަ ކަރޑިއެކް އެރެސްޓުގެ 69.5 އިންސައްތައަކީ ގޭގައި ހުއްޓައި ދިމާވާ ކާރޑިއެކް އެރެސްޓެވެ. އަދި 18.8 އިންސައްތަ އާއްމު ތަންތަނުގައި ހުއްޓައި ޖެހޭއިރު، 11.7 އިންސައްތައަކީ އުމުރުންދުވަސްވީ މީހުން ބަލަހައްޓާ ގެތަކުގައި ދިމާވާ ކާރޑިއެކް އެރެސްޓެވެ.
ޑރ. ޝިއާ ބުނެފައިވާ ގޮތުގައި ކާރޑިއެކް އެރެސްޓް ދިމާވަނީ ހަމައެކަނި ހިތުގެ ބަލިތައް ހުންނަ މީހުންނަށް އެކަންޏެއް ނޫނެވެ. އޭގެއިތުރުން ކަރުގައި އެއްޗެއް ތާށިވެ ނޭވާ ނުލެވުމުން، އެކްސިޑެންޓެއް ކުރިމަތިވުން، ގެބުން، ކަރަންޓުގައި ޖެހުމަކީވެސް ކާރޑިއެކް އެރެސްޓަކަށް މަގުފަހިވާ ކަންކަމެވެ.
އަދި ބައެއް ސިއްހީ މައްސަލަތަށް ކަމަށްވާ ހިތުގެ ބައްޔާއި، އިންފެކްޝަން އަދި އެލާރޖީއަކީވެސް ކާރޑިއެކް އެރެސްޓަށް ހުށަހެޅޭ ކަންކަމެވެ.
އެހެންކަމުން ސީޕީއާރު ދިނުމުގެ މި ފަސޭހަ އުކުޅުތައް ދުރާލާ ދެނެގަތުމަކީ މުހިންމު ކަމެކެވެ. ފަހަރެއްގައި އޭގެ ސަބަބުން ތިބާއަށްވެސް ފުރާނައެއް ސަލާމަތްކުރެވިދާނެ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)