އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/02/2020

އުމުރުން ދުވަސްވި މައިންބަފައިންގެ ސިއްހަތާއި މެދު ސަމާލުކަންދޭންވީ 8 ގޮތް

މައިންބަފައިންގެ ސިއްހަތާއި މެދު އެމީހުން ފަރުވާކުޑަކުރި ނަމަވެސް، އެކަންކަމާމެދު އަހަރެމެން އަޅާނުލާ ދޫކޮށްލެވިގެން ނުވާނެއެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/02/2020

Elder Care
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަހަރެމެންގެ މައިންބަފައިންގެ އުމުރުން ދުވަސްވާ ވަރަކަށް އެމީހުންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ދެ ގުނައަށް އިތުރުކުރަންޖެހޭނެ އެވެ. މައިންބަފައިންގެ ސިއްހަތާއި މެދު އެމީހުން ފަރުވާކުޑަކުރި ނަމަވެސް، އެކަންކަމާމެދު އަހަރެމެން އަޅާނުލާ ދޫކޮށްލެވިގެން ނުވާނެއެވެ. ތިރީގައި މިވަނީ މައިންބަފައިން އުމުރުންދުވަސްވާ ވަރަކަށް އެމީހުންގެ ސިއްހަތާއިމެދު ސަމާލުކަންދެވޭނެ 8 ގޮތެކެވެ.

 

1. މައިންބަފައިންނަށް އެމީހުން އަމިއްލައަށް އަޅާލެވޭތަ؟

މައިންބަފައިންގެ ގެއަށް ޒިޔާރަތްކުރާއިރު ނުވަތަ އެމީހުންނާއި އެއް ގެއެއްގައި އުޅުނު ނަމަވެސް އެމީހުންގެ އެންމެ ކުދި ކުދި ކަންކަމަށް ސަމާލުކަން ދެވޭތޯ މަސައްކަތް ކުރާށެވެ.

ދަތް އުނގުޅުމުން ފެށިގެން، ފެންވެރުން ފަދަ ކޮންމެދުވަހަކު ޤަވާއިދުން ކުރާ ކަންކަމަށް ބަދަލެއް އާދޭތޯ ބެލުން ވަރަށްވެސް މުހިއްމެވެ. ސަބަބަކީ ޑިމެންޝިއާ، ޑިޕްރެޝަން ފަދަ ކަންކަމުގެ އަލާމާތްތައް އެންމެ އަވަހަށް ފެންނަން ފަށާނީ މިފަދަ ކަންކަމުގެ ތެރެއިން ނެވެ.

2. މައިންބަފައިންނަށް އަވަހަށް ކަންކަން މަތިން ހަނދާން ނެތޭތަ؟

ކޮންމެ މީހަކީވެސް ގަޑިން ގަޑިއަށް ކުރާ ކަންތައް އަބަދު ހަނދާނުގައި ނުހުރެދާނެ މީހެކެވެ. ހަނދާން ނެތުމުގެ މައްސަލައަކީ އުމުރުން ދުވަސްވާވަރަކަށް ގިނަ މީހުން ތަހައްމަލް ކުރާ އެއް ކަމެވެ. އަދި ބައެއް ފަހަރު ބޭނުންކުރާ ބޭހެއްގެ ސަބަބުންވެސް ހަނދާނަށް އަސަރު ކުރެއެވެ.

އެހެންނަމަވެސް ކުދިކުދި ކަންކަން ހަނދާންނެތުމާއި، ކޮންމެ ދުވަހަކު އަބަދު ކުރަމުން އަންނަކަމެއް ތަކުރާރުކޮށް ހަނދާންނެތުން ނުވަތަ ކުރެވުނު ކަމެއް ހަނދާންނުވުމުގައި ވަރަށްވެސް ބޮޑު ތަފާތުތަކެއް ވެއެވެ. 

މީހާގެ ހަނދާނަށް އަސަރުކުރަން ފެށުމާއެކު އެންމެ ފަސޭހައިން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ތަކުރާރުކޮށް އެއް ސުވާލެއް ކުރުން
  • އަބަދު ހިނގާބިނގާވެ އުޅޭ ތަންތަނުގައި މަގުއޮޅުން
  • ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރަން ދަތިވުން
  • ވަގުތާއި، ތަންތަން އަދި މީހުން ދެނެގަތުމަށް ދަތިވުން

3. މައިންބަފައިން ދިރިއުޅޭ ގެއަކީ އެމީހުންނަށް ރައްކާތެރި ތަނެއްތަ؟

ރާއްޖޭގައި ގިނަ އާއިލާތަކަކީ މައިންބަފައިންނާއި އެއްކޮށް ދިރިއުޅޭ އާއިލާތަކެވެ. އެހެންނަމަވެސް ގިނަ ފަހަރު މައިންބަފައިން އެންމެ ގާތުގައި ވާ ހިނދުގައިވެސް އެމީހުންނަށް ސަމާލުކަން ދިނުމުގައި ބައެއްފަހަރު ބައެއް މީހުންނަށް ފަރުވާކުޑަކޮށްލެވެ އެވެ.

ހާއްސަކޮށް އެއް ގެއެއްގައި ދިރިއުޅުނު ނަމަވެސް އަދި ކިތަންމެ ބިޒީކޮށް އުޅުނު ނަމަވެސް މައިންބަފައިންނަށް ދަތިވާނޭ ފަދަ ކަމެއް އޮތްތޯ ބަލައި އޮޅުންފިލުވުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. 

ސިޑިން އަރާ ފައިބާ ހެދުމަށް ދަތިވޭތޯ ނުވަތަ ދީފައި ހުންނަ ބޭސްތައް ފާހަގަކުރުމަށް ދަތިވޭތޯ، މިފަދަ ކަންކަމަކީ އަބަދުވެސް އަހާލުން މުހިއްމު ކަންކަމެވެ.

4. މަގުމައްޗަކީ މައިންބަފައިންނަށް ރައްކާތެރި ތަނެއްތަ؟

ދިރިއުޅޭ ގޭގެ އިތުރުން މަގުމައްޗަކީ ވެސް މައިންބަފައިންނަށް ރައްކާތެރި ތަނެއްތޯ އަބަދުވެސް ޔަގީންކުރަން ވާނެއެވެ. ހާއްސަކޮށް ރާއްޖޭގައި ގިނަ ބައްޕައިންނަކީ އުމުރުން ދުވަސްވީ ނަމަވެސް ސައިކަލް، ކާރު އަދި ބައިސްކަލް ފަދަ އެއްޗެހި ދުއްވާ މީހުންކަމުން، އެފަދަ އެއްޗެއް ދުއްވާ ވަގުތުގައިވެސް އުނދަގުލެއް ކުރިމަތިވޭތޯ އޮޅުންފިލުވުމަކީ މުހިއްމު ކަމެކެވެ. 

މައިންބަފައިންގެ ތެރެއިން އެކަކުވެސް އެކަނި ދުއްވަން ނުކުމެ އުޅުމުގެ ތެރޭގައި އެކްސިޑެންޓެއް ފަދަ ކަމެއް އެއް ފަހަރު މެދުވެރިވެއްޖެ ނަމަވެސް ދެވަނަ ފަހަރަށް އެފަދަ ކަމަކަށް މަގުފަހި ނުވާނޭ ފަދަ ގޮތަކަށް އެމީހުންނަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.

5. މައިންބަފައިންގެ ބަރުދަނަށް ބަދަލު އާދޭތަ؟

އަމިއްލަ މަސައްކަތެއްނެތި ބަރުދަން ލުއިވުމަކީ ކަމެއް ގޯސްވުމުގެ އަލާމާތެކެވެ. އެގޮތުން ބަރުދަން ލުއިވުމަށް މެދުވެރިވާ ބައެއް ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • އުމުރުންދުވަސްވުމުގެ ސަބަބުން ކެއްކުމަށް ދަތިވުން
  • ކާއެއްޗެހީގައި ރަހަ ނުލުން ނުވަތަ ވަސް ނުދުވުން
  • އަތްމަތި ދަތިވުން ނުވަތަ އެހެނިހެން އިޖުތިމާއީ މައްސަލައެއް ކުރިމަތިވުން
  • މެލްނިއުޓްރިޝަން (ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއަންޓްސް ނުލިބުން)، ޑިމެންޝިއާ ނުވަތަ ޑިޕްރެޝަން ފަދަ ކަމެއް ކުރިމަތިވުން

6. މައިންބަފައިންގެ ނަފްސާނީގޮތުން ދުޅަހެޔޮތަ؟

މައިންބަފައިންގެ މޫޑަށް އަންނަ ބަދަލުތައް ދެނެގަންނާށެވެ. އެކީގައި އެއް ގެއެއްގައި އުޅުނު ނަމަވެސް އަބަދުވެސް އެމީހުންގެ ހާލު އޮޅުންފިލުވާށެވެ. މިއީ އެމީހުންނަށް އެކި ކަންކަމުގައި ކުރިއަށް ދިއުމަށް އެހީވެވޭނެ އެއްގޮތެވެ.

އެއްވެސް ސަބަބަކާއި ނުލައި އެމީހުންގެ މިޒާޖަށް ނުވަތަ މޫޑަށް ބަދަލު އައުމަކީ ޑިޕްރެޝަން ނުވަތަ އެހެނިހެން ސިއްހީ މައްސަލައެއްގެ އަލާމާތަކަށްވެސް ވެދާނެ އެވެ.

7. މައިންބަފައިން އުޅެނީ އެހެންމީހުންނާއި އެކުވެ ވަރަށް އެކްޓިވްކޮށްތަ؟

މައިންބަފައިން ކޮންމެ ދުވަހަކުވެސް ކުރާ ކަންކަމާއި ގުޅޭގޮތުން ސުވާލުކުރާށެވެ. އެމީހުން ރައްޓެހިންނާއެކު ވަގުތު ހޭދަކުރޭތޯ އެވެ؟ ނުވަތަ ކުރާހިތުން ކުރާ ކަންކަން މިހާރުވެސް ކުރަންތޯ އެވެ؟ އެއްވެސް އޮގަނައިޒޭޝަން ނޫނީ އެކްޓިވިޓީއެއްގައި ބައިވެރިވެ އުޅެންތޯ އެވެ؟

މިފަދަ ކަންކަމުން އެމީހުން ދުރުވާނަމަ އެއީ މައްސަލައެއްގެ އަލާމާތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

8. މައިންބަފައިންނަށް ހިނގާބިނގާވެ އުޅުމުގައި ދަތިވޭތަ؟

މައިންބަފައިން ހިނގާބިނގާވެ އުޅޭއިރު ދަތިކަމެއް ހުރިތޯ ބަލާށެވެ. ނުވަތަ ދާދިފަހުން ތަނަކުން ވެއްޓުނުތޯ ނޫނީ އަރިއަޅާލުން ފަދަ ކަމެއްވިތޯ އަބަދުވެސް އޮޅުންފިލުވާށެވެ. 

 އުމުރުންދުވަސްވުމުގެ ސަބަބުން އެމިހުންގެ ގައިގެ މަސްތަކުގެ ބާރުދެރަވެ، ހުޅުތަކުގައި ރިއްސުމަކީ ހިނގާބިނގާވެ އުޅުމަށް ދަތިވެދާނޭ ކަމެކެވެ. އެފަދަ ކަމެއް ފެންނަނަމަ މައިންބަފައިންނާއި އެކަމާއި ގުޅޭގޮތުން ވާހަކަދައްކާށެވެ. ގަވާއިދުން މެޑިކަލް ޗެކަޕްއަށް ގެންދާށެވެ. 

ބައެއްފަހަރު ބައެއް މައިންބަފައިންނަކީ އެމީހުން އުމުރުންދުވަސްވެ ބަލިވި ނަމަވެސް އެކަން ޤަބޫލުކުރަން ނުވަތަ ބަޔަކަށް އަންގަން ބޭނުންނުވާ މީހުންނެވެ. 

އެހެންކަމުން އެމީހުން އިސްވެ ކަމަކު ނޭދުނު ނަމަވެސް އަމިއްލައަށް އެކަން ދެނެގަތުމަށް މަސައްކަތްކުރާށެވެ. އެންމެ މުހިއްމު ކަމަކަށް އެމީހުންނާއި ވާހަކަދައްކާށެވެ. އަޅާލާށެވެ. އަދި ގިނަގިނައިން އެމީހުންދެކެ ލޯބިވާކަން ހާމަކުރާށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ