
އެއް ޒަމާނެއްގައި ރާއްޖޭގައި އަންހެން ކުދިން ހިތާނުކޮށް އުޅުނުކަމަށް ތާރީހުންތަކުން އެނގެން އެބައޮތެވެ. އެހެންނަމަވެސް އެއީ ސިއްހީ ވަސީލަތްތައް މަދު އަދި ހޭލުންތެރިކަން ކުޑަ ޒަމާނެކެވެ. ޒަމާން ބަދަލުވެ އިންސާނުންގެ ވިސްނުން ތަރައްޤީވި ވަރަކަށް މިއީ އެއްވެސް ތާކުންތާކު ނުޖެހޭ ދޯހަޅި ވިސްނުމެއްކަމަށް ގިނަ ބަޔަކު އެއްބަސް ވެއެވެ.
އިސްލާމްދީނުގައި ވެސް އަންހެން ދަރިން ހިތާނުކުރުމަށް ބާރުއަޅުއްވާފައި ނުވާއިރު، އަންހެންކުދިން ހިތާނުކުރުމާއި މިޒަމާނުގެ ޑޮކްޓަރުން ވެސް ދެކޮޅެވެ. ކުރުގޮތަކަށް ބުނާނަމަ އަންހެންކުދިން ހިތާނުކުރުމަކީ އެއްވެސް ފައިދާއެއް ނެތް އަދި އެކަމުގެ ސަބަބުން އެތައް ގިނަގުނަ ގެއްލުންތަކެއް ކުރިމަތި ކުރުވާނޭ ފަދަ ކަމެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންހެން ކުދިން ހިތާނުކުރުން ސިފަކޮށްފައިވަނީ "އެއްވެސް ސިއްހީ ސަބަބަކާއި ނުލައި" އަންހެން ކުއްޖާގެ ކުރިމަތިފަރާތުން މަސްކޮޅެއް ނުވަތަ ދުލިފަށަލައެއް ކަފާ އެއްކޮށް ވަކި ކުރުން، ނުވަތަ ކުރިމަތިފަރާތުގެ ގުނަވަނަކަށް ގެއްލުމެއް ދިނުމަށެވެ. އަދި އަންހެން ކުދިން ހިތާނުކުރާއިރު މި ނާޒުކު ގުނަވަން ފެހުމާއި، ތޮރުފުމާއި އަދި ކަފާތަން އެންދުން ފަދަ ނުރައްކާތެރި ކަންކަން ކުރާކަމަށްވެސް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފަ އެވެ.
ހާއްސަކޮށް އެފްރިކާ ހިސާބުގައި އެއްވެސް ސާފުތާހިރުކަމެއް ނެތި، ހިތާނުކުރުމަށް ރޭޒަރު ތިލަ ފަދަ އެއްޗެހި ބޭނުންކުރުމަކީ އޭގެ ސަބަބުން އަންހެންކުދިން އެކަމުގެ ވޭން އެތައް ދުވަހެއް ވަންދެން ތަހައްމަލްކޮށް އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ގޮސްފައި ހުރި ކަންކަމެވެ.
ދުނިޔޭގެ ބައެއް ހިސާބުތަކުގައި ހާއްސަކޮށް އެފްރިކާ ބައްރުގެ ބައެއް ޤައުމުތަކުގައި ސަގާފަތެއްގެ ގޮތުން އަދިވެސް މިކަން ކުރެއެވެ. އަދި ބައެއް ޤައުމުތަކުގައި ދީނުގެ ބަހަނާގައި ވެސް މިކަން ކުރެ އެވެ. އެހެންނަމަވެސް ފިރިހެން ކުއްޖާ ހިތާނުކުރުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައި ވިޔަސް އަންހެން ކުދިން ހިތާނުކުރުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ އެއްވެސް ދަލީލެއް ފެންނާކަމަށް ނެތެވެ.
ފައިދާއެއް ނެތް، ގެއްލުންހުރި ކަމެއް
މިކަން މިގޮތަށް އޮތުމުގެ އިތުރުން އަންހެން ކުދިން ހިތާނުކުރުމަކީ އެކަމުގެ ސަބަބުން އެއްވެސް ފައިދާއެއް ނުވާއިރު ފޫނުބެއްދޭވަރުގެ ގެއްލުން ލިބިދާނެ ކަމެއްކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. އަންހެން ކުދިން ހިތާނު ކުރުމުގެ ސަބަބުން ވަގުތުން ކުރިމަތިވެދާނޭ ބައެއް ގެއްލުންތަކުގެ ތެރޭގައި ހިމެނެނީ:
- ގަދަޔަށް ރިހުން
- އާދަޔާ ހިލާފަށް ގިނައިން ލޭ ފޭބުން (ހެމަރޭޖް)
- ކުރިމަތިފަރާތުގައި އުފެދިފައި ހުންނަ ދުލިފަތް (ޓިޝޫ) ދުޅަވުން
- ހުންއައުން
- ޓެޓްނަސް ފަދަ ނުރައްކާތެރި އިންފެކްޝަން އުފެދުން
- ކުޑަކަމުދިއުމަށް ދަތިވުން
- ފާރުގަނޑު ރަނގަޅުވުމަށް ދަތިވުން
- ޝޮކެއް ލިބުން
- މަރުވުން
މީގެއިތުރުން އަންހެން ކުދިން ހިތާނުކުރުމުގެ ސަބަބުން ދިގުމުއްދަތަކަށް ތަހައްމަލްކުރަން ޖެހިދާނޭ ބައެއް ގެއްލުންތަކުގެ ތެރޭގައި ހިމެނެނީ:
- ކުޑަކަމުދިއުމުގެ މައްސަލަތައް (ކުޑަކަމުދާއިރު ތަދުވުން، ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން އުފެދުން)
- ކުރިމަތިފަރާތުގެ މައްސަލަތައް (ޑިސްޗާޖުވުން، ހިރުވުން، ބެކްޓީރިއަލް އަދި އެހެނިހެން އިންފެކްޝަން އުފެދުން)
- މައްސަރުގެ މައްސަލަތައް (މައްސަރުގެ ދުވަސްވަރު އިތުރު ތަދު ތަހައްމަލް ކުރަންޖެހުން، މައްސަރު ދުވަސްވަރު ހަށިގަނޑުން ލޭ ބޭރުވުމަށް ހުރަސް އެޅުން ފަދަ އިތުރުން ކަންކަން)
- ދެމަފިރިކަމުގެ ގުޅުން ހިންގުމަށް ދަތިވުން
- ވިހެއުމުގެ ތެރޭގައި އިތުރު ނުރައްކަލާއި ކުރިމަތިލާންޖެހުން (ވިހެއުމަށް ދަތިވުން، ގިނަ އަދަދަކަށް ލޭ ބޭރުވުން، ސިޒޭރިއަން ހަދަން ޖެހުން)
- ހިތާނުކުރުމާއި ގުޅިގެން ލިބޭ ގެއްލުންތަކުގެ ސަބަބުން ފަހުން އިތުރު ސާޖަރީތައް ހަދަން ޖެހުން
- ނަފްސާނީ ގޮތުން ގެއްލުން ލިބުން (ޑިޕްރެޝަން، އެންޒައިޓީ، ޕޯސްޓް ޓަރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން)
އޭޝިޔާވެސް މިކަމުގެ ނުރައްކަލުގައި؟
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އަހަރެއްގެ މައްޗަށް 3 މިލިޔަން އަންހެން ކުދިން ހިތާނުކުރުމުގެ ނުރައްކާ ތަހައްމަލް ކުރެއެވެ. އަދި މިހާތަނަށް އެފްރިކާ އާއި މިޑްލް އީސްޓްގެ އިތުރުން އޭޝިޔާ ބައްރު ހިމެނޭ ގޮތަށް 30 ޤައުމަކުން 200 މިލިޔަނަށް ވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ވަނީ ހިތާނުކޮށްފަ އެވެ. އަދި އަންހެން ކުދިން ހިތާނުކުރުމަކީ މުޅި ދުނިޔެވެސް އެކަމާއި ކަންބޮޑުވާ އެއްކަމެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ވަނީ ސިފަކޮށްފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)