އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/12/2019

ދުނިޔޭގެ ސިއްހަތުން މިއަހަރު ފާހަގަކުރެވުނު ރަނގަޅު، ނުރަނގަޅު އަދި އެންމެ ނުރަނގަޅު ކަންތައް

މި ލޔުމުގައި މި ގެނެސްދެނީ މި ނިމެމުންދާ 2019 ދުނިޔޭގެ ސިއްހަތުން ފާހަގަކުރެވުނު ރަނގަޅު، ނުރަނގަޅު އަދި އެންމެ ނުރަނގަޅު ކަންތަކެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/12/2019

Global Health 2019
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދުނިޔޭގެ ސިއްހީ ނިޒާމުތައް ދުވަހެއް ދުވަހަކަށް ތަރައްޤީވަމުން ދިޔަނަމަވެސް ތަފާތު ހިތުގެ ބަލިތަކުގައި މީހުން މަރުވާ އަދަދުވެސް މިދަނީ ދުވަހެއް ދުވަހަކަށް ވުރެ އިތުރުވަމުންނެވެ. ބައެއް ޤައުމުތަކުން ދުންފަތް ކޮންޓްރޯލްކުރުމަށް އެކި ކަހަލަ ޤާނޫނާއި ޤަވާއިދުތައް ހެދިނަމަވެސް، މި ޖެނެރޭޝަންގެ ޒުވާނުންނާއި ގިނަ ކުދިން މިހާރުވަނީ ނިކޮޓިންގެ މަސްތުގައި ޖެހިފައެވެ.

މި ލޔުމުގައި މި ގެނެސްދެނީ މި ނިމެމުންދާ 2019 ދުނިޔޭގެ ސިއްހަތުން ފާހަގަކުރެވުނު ރަނގަޅު، ނުރަނގަޅު އަދި އެންމެ ނުރަނގަޅު ކަންތަކެވެ.

 

ރަނގަޅު

  • ތައިލޭންޑް، ޔޫރަޕިއަން ޔޫނިއަން އަދި ބްރެޒިލް އިން މަސްނޫއީ ކެމިކަލްއެއް ކަމަށްވާ ޓްރާންސް ފެޓް، ހިމެނޭ ކާނާ ބޭނުން ނުކުރުމަށް ނިންމިއެވެ. ދުނިޔޭގައި އަހަރެއްގެ މައްޗަށް 500،000 މީހުން މިފަދަ ކާނާ ކެއުމުގެ ސަބަބުން މަރުވެއެވެ. އެހެންނަމަވެސް ބްރެޒިލް އާއި ތައިލޭންޑް އަދި ޔޫރަޕިއަން ޔޫނިއަންގެ މި ނިންމުމާއެކު ގާތްގަނޑަކަށް 3 ބިލިޔަނެއްހާ މީހުން މަސްނޫޢީ ކެމިކަލް ބޭނުންކޮށްގެން އުފައްދާފައިވާ ކާނާ ކެއުމުން ރައްކާތެރި ކުރެވޭނެ އެވެ.
  • މިއަހަރު ދުނިޔޭގެ ގިނަ ޤައުމުތަކަކުން ވަނީ އާދަޔާ ހިލާފަށް ބަރުވާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި، ހަކުރު ގިނަ އަދަދަކަށް އެކުލެވޭ ބުއިންތަކުން ނަގާ ޓެކްސްގެ އަދަދުވެސް ބޮޑުކޮށްފައެވެ. ހަމައެހެންމެ ޕެރޫ ފަދަ ބައެއް ޤައުމުތަކުން ވަނީ ގިނަ އަދަދަކަށް ލޮނާއި ހަކުރު އަދި ފެޓްސް ހިމެނޭ ކާނާތަކުގެ އިންޒާރުގެ ލޭބަލް ޖެހުމަށް ނިންމާފައެވެ.
  • އިންޑިޔާ، ޗައިނާ، އިތިއޯޕިއާ، ބަންގްލަދޭޝް، ވިއެޓްނާމް ފަދަ ބޮޑެތި ޤައުމުތަކުން ހައިޕަރޓެންޝަން ތަހައްމަލް ކުރާ މީހުންނަށް އިތުރު އަޅާލުމާއި ފަރުވާ ދޭން ނިންމިއެވެ. މިއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ އެންޓި-ހައިޕަރޓެންސިވްއަށް ބޭނުންކުރާ ދެ  ބޭސް އެއް ގުޅައަކަށް ބަދަލުކޮށް، ބޭހުގެ އަގު އަތްފޯރާ ފަށަށް ގެނެސްދިނުމަށް މަސައްކަތްކޮށްފަ އެވެ. ހައިޕަރޓެންޝަންގެ ސަބަބުން އަހަރެއްގެ މައްޗަށް ދިހަ މިލިޔަން މިހުން މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

 

ނުރަނގަޅު

  • ދުނިޔެ ތަރައްޤީވެ ސިއްހީ ދާއިރާއަށް ކިތަންމެ ބޮޑު އިންޤިލާބެއް އައިނަމަވެސް ބޮޑެތި ބަލިމަޑުކަމަށް ދުނިޔެ އަދިވެސް އަދިވެސް އޮތީ ތައްޔާރު ނުވެވިއެވެ. މީގެ އެއް ހެއްކަކީ މީގެ ދެ އަހަރުކުރިން ފެތުރެންފެށި ނުރައްކާތެރި އެބޯލާ ވައިރަސް އެވެ. މިވައިރަސްގައި ޑިމޮކްރެޓިކް ރިޕަބްލިކް ކޮންގޯއިން 2000 މީހުން މަރުވެފައިވާއިރު އެ ޤައުމުން އަދިވެސް މި ބަލި އެއްކޮށް ނައްތާލެވިފައެއް ނުވެއެވެ. އެބޯލާގެ އިތުރުން ހިމަބިހީގެ ކޭސްތައްވެސް ދުވަހަކަށްވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެގޮތުން ހިމަބިހި ޖެހިގެން އަހަރެއްގެ މައްޗަށް 100،000 ކުޑަކުދިން މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއަދަދު 17 އިންސައްތައިން ބޮޑުވީ ވެކްސިންއާއި ދެކޮޅަށް މަދު ބަޔަކު ފަތުރާ ދޮގު ޚަބަރުތަކާއި ގުޅިގެންނެވެ.
  • ހާޓްއެޓޭކާއި ސްޓްރޯކް ޖެހުން ހުއްޓުވުމަށް އެމެރިކާއިން ކުރަމުން އައި މަސައްކަތް ފަސް ޤަރުނަށްފަހު އަނެއްކާ އިތުރު ވެދާނެ ކަމުގެ ބިރުވަނީ ހީވެފައެވެ. ހިތުގެ ބަލިތައް ޖެހި ގިނަ މީހުން މަރުވެފައިވަނީ ހައިޕަރޓެންޝަން އާއި ޑައިބެޓިކްސް ކޮންޓްރޯލް ނުކުރެވުމުން އަދި ހެލިފެލިވެ އުޅޭ މިންވަރާއި ކެއުން ގެންގުޅޭ ގޮތްތަކުގެ ސަބަބުންނެވެ. 

 

އެންމެ ނުރަނގަޅު

  • އެމެރިކާގައި ފުރާވަރުގެ ކުދިން އީ ސިގިރޭޓް ބޭނުންކުރާ ރޭޓް މިހާރުވަނީ 78 އިންސައްތައަށް އުފުލިފަ އެވެ. މިއާއެކު އީ ސިގިރޭޓްގެ ސަބަބުން ފުއްޕާމޭގެ ބަލިތައްޖެހޭ މީހުންގެ އަދަދުވެސް އަދި މަރުވާ މީހުންގެ އަދަދުވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބައެއްމީހުން ސިގިރޭޓް ބުއިން ހުއްޓާލުމަށް އީ ސިގިރޭޓް ބުއިނަމަވެސް ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ އެއްޗެއްގެ ޒަރިއްޔާއިން ނަމަވެސް އިންސާނާގެ ހަށިގަނޑަށް އެތެރެވާ ނިކޮޓިންގެ ސަބަބުން އިންސާނާގެ ސިކުނޑި ތަރައްޤީވުމަށް ހުރަސްއެޅެއެވެ. އެހެންނަމަވެސް މެންތޯލް ހިމެނޭ ގޮތަށް އެކި ފްލެވާ ތަކުގެ އީ ސިގިރޭޓް މަނާނުކުރެވުމަކީ އާއްމު ސިއްހަތަށްވެސް ވެވިފައިވާ އިހުމާލެކެވެ.
  • ޑިމޮކްރެޓިކް ރިޕަބްލިކް ކޮންގޯގައި އެބޯލާ ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާއިރު، މި ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ ހެލްތް ވޯކަރުންނަށް މި ވައިރަސް އިން އެއްވެސް ރައްކާތެރިކަމެއް އަދި ލިބިފައެއް ނެތެވެ.  ދުވާލެއްގެ މައްޗަށް އެތައް ބަޔަކަށް އެ ބޯލާ ވައިރަސް ޖެހެމުންދާއިރު، މި ވައިރަސް ޖެހިގެން އެތައް ސަތޭކަ ހެލްތް ވޯކަރުންނެއްވެސް ވަނީ މަރުވެފަ އެވެ. ސިއްހީ ހިދުމަތް ދިނުމުގައި އެންމެ މުހިއްމު އެއްކަމުގެ ގޮތުގައި ބަލިން ރައްކާތެރިވެ ތިބެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ހިމެނޭއިރު، ޖެނީވާ ކޮންވެންޝަންގެ މައިގަނޑު ޤަވާއިދު މިވަނީ ގެއްލިގެން ގޮސްފައެވެ.
  • ޕޯލިއޯގެ ކޭސްތައް ޕާކިސްތާނުން ފެންނަ މިންވަރު މިދިޔަ އަހަރުއްސުރެ ވަނީ އިތުރުވެފަ އެވެ. މިކަމަށް އަދިވެސް ހައްލެއް ހޯދިފައިނުވާއިރު، ވެކްސިން ޑިރައިވްޑް ޕޯލިއޯ މިހާރުވަނީ ދުނިޔޭގެ 20 ޤައުމަކަށް ފެތުރިފައެވެ. ތަފާތު ވެކްސިނެއް ތައާރަފްކޮށްގެން ނޫނީ މި ވައްތަރުގެ ޕޯލިއޯ ކޮންޓްރޯލް ނުކުރެވޭއިރު، މި ވެކްސިން ލިބޭނެކަމަށް ބެލެވިފައިވަނީ އަންނަ އަހަރުގަ އެވެ.
  • މޫސުމަށް އަންނަ ބަދަލުތަކާއެކު މީހުން މަރުވާ އަދަދު މަދުކުރުމަށް ދުނިޔެ އަދިވެސް މިވަނީ ނުކުޅެދިފަ އެވެ. އެގޮތުން މިފަދަ ގޮތްތަކުން މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު، ވެކްޓަރ ބޯން ޑިޒީސް އަދި ލައިމް ޑިޒީސް ފަދަ ބަލިތައް ޖެހިފައިވާ ސަރަހައްދުތައް އޮތީ އަޅާނުލެވި ދޫކޮށްލެވިފަ އެވެ.

 

ކުރިއަށް މިއަންނަ އަހަރަކީ ސިއްހީ ގޮތުން ކުރިއަރައިގެންދާނެ އަހަރެއް ކަމަށް އަޅުގަނޑުމެން އެންމެންވެސް އުއްމީދު ކުރަމެވެ. މީގެ ނިޝާނެއްގެ ގޮތުން، ދުނިޔޭގެ ބޮޑެތި ލީޑަރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ހިތުގެ ބަލިތަކާއި ދެކޮޅަށް، ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް، ރަނގަޅު ކާނާ ކެއުމަށް އެއްބާރުލުން ދެމުން އަދި ނުރައްކާތެރި ބަލިތަކާއި ހަނގުރާމަކުރަމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ