
އަމިއްލަ ހަރަދުގައި ސްޕެޝަލައިޒް ވާން ބޭނުންވާ ޑޮކްޓަރުންނަށް ޖާގަހޯދުމުގެ ފުރުސަތަށް އެދުމަށް ހުޅުވާލައިފިއެވެ.
ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓުގައި ކޮށްފައިވާ މި އިއުލާނުގައި ވާގޮތުން އަމިއްލަ ހަރަދުގައި ސްޕެޝަލައިޒްވާން ބޭނުންވާ ޑޮކްޓަރުންނަށް އެ ފުރުސަތު ހޯދައިދެނީ ނޭޕާލުންނެވެ. އަދި އެމްޑީ ރޭޑިއޯޑައިގްނޯސިސް، އެނެސްތެސިއޮލޮޖީ، އެމްޑީ ޑާރމަޓޮލޮޖީ، އެމްޑީ އޮބްސްޓެޓްރިކް އެންޑް ގައިނޮކޮލޮޖީ، އެމްޑީ ޕީޑިއެޓްރިކްސް، އެމްޑީ އިންޓާނަލް މެޑިސިން، އެމްޑީ އިން ސައިކިއެޓްރީ، އެމްޑީއިން އޮފްތޮމޮލޮޖީ އަދި އެމްއެސް އޯރތޮފައެޑިކްސް އެންޑް ޓްރައުމާ ސާޖަރީގެ ދާއިރާއިން ސްޕެޝަލައިޒް ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ހަޔަރ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
ހަޔަރ އެޑިއުކޭޝަންއިން ވަނީ 25 ޑިސެމްބަރު 2019 ވާ ބުދަ ދުވަހު މެންދުރުފަހު 12:30 ގެ ނިޔަލަށް ސްޕެޝަލައިޒްވުމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައެވެ.
އެމްޑީ އަދި އެމްއެސް ކޯހަށް ހުށަހަޅާ ކެންޑިޑޭޓުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްބީބީއެސް ހާސިލްކޮށް އިންޓާރންޝިޕް ފުރިހަމަކޮށްފައިވުން ހިމެނެއެވެ. މީގެއިތުރުން އެމްބީބީއެސް ފުރިހަމަކޮށް ނިންމުމަށްފަހު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވުމާއި، އެމްބީބީއެސް ޑިގްރީ ހާސިލްކޮށް އިންޓާރންޝިޕް ފުރިހަމަކުރުމަށްފަހު 25 ޑިސެމްބަރުގެ ނިޔަލަށް މަދުވެގެން 6 މަސް ދުވަހުގެ ތަޖުރިބާ ލިބިފައި ހުރުން ހިމެނެ އެވެ.
ހަމައެހެންމެ ކޯހަށް އެދި ހުށަހެޅުމަށްފަހު މަދުވެގެން 6 މަސްދުވަސް ވަންދެން މިނިސްޓްރީއާއި ގުޅޭނެގޮތް ހަމަޖައްސާފައި އޮންނަން ޖެހޭނެ ކަމަށްވެސް ހަޔަރ އެޑިއުކޭޝަނުން ވަނި ބުނެފައެވެ. އަދި ކޯހަށް ހޮވިއްޖެކަމަށް މިނިސްޓްރީން އިން އަންގާތާ 24 ގަޑިއިރުގެ ފަހުން ކޯސް ދޫކޮށްފލައިފިނަމަ ބްލެކްލިސްޓް ކުރެވޭނެ ކަމަށްވެސް މި އިއުލާންގައި ވަނީ ބުނެފައެވެ.
އަމިއްލަ ހަރަދުގައި ސްޕެޝަލައިޒްވާން ބޭނުންވާ ޑޮކްޓަރުންނަށް "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅޭނެ ކަމަށްވެސް އިއުލާންގައިވަނީ ބުނެފައެވެ. އަދި އޮންލައިންކޮށް ކޯހަށް ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓުވާ ކެންޑިޑޭޓުން އޮންލައިން ފޯމާއެކު ހުށަހަޅާފައިވާ އެޓެސްޓެޑް ލިޔުންތައް މިނިސްޓްރީއިން އަންގާ ވަގުތެއްގައި ހުށަހެޅުމަށް ތައްޔާރުކޮށްފައި ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކުގެ ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނޭ ކަމަށް ހަޔަރ އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)