
2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ބުރާސްފަތި ދުވަހު ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ. ރާއްޖޭގައި މިހާތަނަށް އެކުލަވާލައިފައިވާ އެންމެ ބޮޑު ބަޖެޓު މަޖިލީހުން ފާސްކޮށްފައިވަނީ 77 މެމްބަރުން އަޢުލަބިއްޔަތުންނެވެ.
2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް 37.8 ބިލިޔަން ރުފިޔާ ކަނޑައަޅާ ފާސްކޮށްފައިވާއިރު، އޭގެތެރެއިން 4.1 ބިލިޔަން ރުފިޔާ ހާއްސަކޮށްފައިވަނީ ސިއްހީ ދާއިރާއަށެވެ.
އަންނަ އަހަރަށް ސިއްހީ ދާއިރާއިން ލަފާކޮށްފައިވާ ބަޖެޓުގެ ތެރެއިން 3.5 ބިލިޔަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ރިކަރަންޓު ހަރަދުގެ ގޮތުގައެވެ. އޭގެތެރޭގައި 21 އިންސައްތަ މެޑިކަލް ކޮންސިއުމަބަލްސް އަށް ހޭދަކުރުމަށް ނިންމާފައިވާއިރު، 60 އިންސައްތަ ހޭދަކުރުމަށް ނިންމާފައިވަނީ މުވައްޒަފުންނަށް ހިނގާ ޙަރަދުގެ ގޮތުގައެވެ. އަދި އެހެނިހެން ރިކަރަންޓު ހަރަދުގެ ގޮތުގައިވަނީ 19 އިންސައްތަ ހަމަޖައްސާފަ އެވެ.
ސިއްހީ ދާއިރާއަށް ހޭދަކުރުމަށް ފާސްކުރި ބަޖެޓުގެ ތެރެއިން 566 މިލިޔަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވަނީ ކެޕިޓަލް ހަރަދުގެ ގޮތުގައެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް 51 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާއިރު، ގދ. ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް 90 މިލިޔަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ. ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން 184 މިލިޔަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވަނީ އެކި ރަށްރަށުގައި ސިއްހީ ހިދުމަތްދޭ ތަންތަން އިތުރަށް ތަރައްޤީ ކުރުމާއި ހިދުމަތް ފުޅާކުރުމަށް ބޭނުންވާ ބަދަލުތައް ގެނައުމަށެވެ.
ބުރާސްފަތި ދުވަހު ފާސްކުރި ބަޖެޓުގައި ބުނެފައިވަނީ މިހާތަނަށް ރާއްޖޭގެ ސިއްހީ ދާއިރާއަށް ހޭދަކޮށްފައިނުވާ ވަރަށް އަންނަ އަހަރު ހޭދަކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ގދ. ތިނަދޫ، ރ. އުނގޫފާރު، ހދ. ކުޅުދުއްފުށި، ލ. ގަން އަދި ސ. ހިތަދޫގައި ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރުމަށް 141 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް ވެސް ބަޖެޓު ބަޔާނުގައި ބުނެފައެވެ. އަދި ރައްޔިތުންގެ ސިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމުގެ ގޮތުން އާސަންދަ ސްކީމްއަށް 951 މިލިއަން ރުފިޔާ ވާނީ ބަޖެޓު ކުރެވިފައި ވާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ހަމައެހެންމެ 2020 ވަނައަހަރަށް ޕްލޭން ކުރެވިފައިހުރި އިޖްތިމާޢީ ރައްކާތެރިކަމުގެ އެހެނިހެން ޕްރޮގްރާމްތަކުގެ ތެރޭގައި ހުޅުމާލެ އާއި ލ. އަތޮޅުގައި އުމުރުން ދުވަސްވީ މީހުންގެ މަރުކަޒެއް ޤާއިމްކުރުމާއި އައްޑޫ ސިޓީގައި 'ޗިލްޑްރަންސް ހޯމް' އެއް ޤާއިމް ކުރުން ހިމެނޭ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)