
"އޭނާގެ މަރަކީ ހިނގައިގެންވާނޭ ހާދިސާއެއް ނޫން" މިއީ އެމާ ކޯޗާގެ ވަރަށް ވަރުގަދަ ބަސްކޮޅެކެވެ. އެމާ އަކީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހު 22 ވަނަ ދުވަހު ނިޔާވި އޮވެން ކެރީގެ ދައްތައެވެ. އޮވެން ނިޔާވީ އޭނާއަށް ކެވުނު އެއްޗަކުން ވީ އެލަރޖިކް ރިއެކްޝަން އަކުންނެވެ. އޭނާވަނީ އޯޑަރ ކުރިއިރު އޭނާގެ އެލަރޖީގެ މައުލޫމާތު ރެސްޓޯރަންޓް މުވައްޒަފުންނަށް އަންގާފައެވެ.
ޒުވާން އޮވެން ކެރީ އެވަގުތު ހުރީ އިނގެރޭސިވިލާތުގެ ބަރގާ ރެސްޓޯރެންޓެއް ކަމަށްވާ ބައިރޮން ގައި އޭނާގެ 18 ވަނަ އުފަންދުވަސް ފާހަގަކުރާށެވެ. އޭނާ ކުކުޅު ބަރގާ އަކަށް އޯޑަރު ކުރުމަށް ފަހު އޯޑަރު ނެގި މުވައްޒަފަށް އޭނާގެ ޑެއިރީ އެލަރޖީގެ މައުލޫމާތު ދިނެވެ. ނަމަވެސް އެ ޒުވާނާއަށް ކެވިގެން ދިޔައީ ބަޓާ ކިރު އަޅާފައި ހުރި ބަރގާއެކެވެ. އޭނާވަނީ އެކެއުމަށް ފަހު ލިބުނު އެލަރޖިކް ރިއެކްޝަންގެ ސަބަބުން ގަޑިއިރެއް ހާއިރު ތެރޭ މަރުވެފައެވެ.
އޯވެންގެ އާއިލާއިން ވަނީ އިނގެރޭސިވިލާތުގެ ގާނޫނަށް އިސްލާހު ގެނެސްގެން މިފަދަ ހާދިސާއެއް ދެވަނަ ފަހަރަށް ނުހިނގާތޯ ކޯރޓަށް ހުށަހަޅާފައެވެ. ސަބަބަކީ މިއީ ހިނގައިގެން ނުވާނޭ ހާދިސާއެކެވެ. ބޭއިންސާފެކެވެ.
ބައިރޮންގެ ސީ.އީ.އޯ ސައިމަން ވިލްކަންސަން ނެރުނު ބަޔާނެއްގައި ވިދާޅުވީ "މިއީ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރާ ހާދިސާއެކެވެ. ސަބަބަކީ އަޅުގަނޑުމެންގެ ސްޓާންޑާޑްއާ އެއްވަރަށް ކަސްޓަމަރުންނާ މުއާމަލާތު ނުކުރެވުނީމައެވެ. އޮވެންގެ ޒިންމާ އަދާކުރި ކަމަށް އަޅުގަނޑު ދެކެމެވެ. ނަމަވެސް މިބަޔާނުން އޭނާގެ އާއިލާއަށް ލުޔަކަށް ވެގެން ނުދާނެކަންވެސް ދެނަހުރީމެވެ".
"އޮވެން ނިޔާވީ ކެވުނު އެއްޗަކުން ދިމާވި ވަރަށް ސީރިއަސް އެލަރޖިކް ރިއެކްޝަންއެއްގެ ސަބަބުންނެވެ. މިހެން މިވީ އޮވެން ގެފަރާތުން ރެސްޓޯރަންޓްގެ މުވައްޒަފަށް މައުލޫމާތުވެސް ދިންފަހުންނެވެ." އޮވެން ކެރީގެ މަރު ތަހުގީގު ކުރި އެސިސްޓަންޓް ކޮރޮނާ ބްރައޮނީ ބަލާރޑް ވިދާޅުވިއެވެ.
ރާއްޖޭގައި މިފަދަ ހާދިސާތައް ހިނގާ އަދަދު މަދު ނަމަވެސް މިފަދަ ހާދިސާއަކުން ފިލާވަޅު ނެގުން ވަރަށް މުހިންމެވެ. ކަމެއް ދިމާވުމުން ރަނގަޅު ކުރުމަށް ވުރެ ކަމެއް ދިމާވުމުގެ ކުރިން އެކަން ހުއްޓުވުން ބުއްދިވެރިއެވެ. މިއީ މިކަމާމެދު މަޝްވަރާކުރަން މުހިންމު ސުރުހީއެކެވެ. ގެއިން ބޭރުން އެއްޗެއް ކާލަން ނުކުންނަން ޖެހިލުންވާ ކޮންމެ މީހަކަށްޓަކައެވެ. އެފަދަ މީހުންގެ ރައްކާތެރިކަމަށްޓަކައި ބަދަލެއް ގެނައުން ވަރަށް މުހިންމެވެ.
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)